އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލްގެ ތެރެއިން ވަގުތުން ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުންނަށް ޕާޓީއިން ވަކިވެވޭ ގޮތް ހަދަން ތައްޔާރުވެއްޖެއެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުންނަށް ވަގުތުން ޕާޓީއިން ވަކިވެވޭ އުސޫލެއް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން އީސީން އާންމުކުރާނެއެވެ.
އަދި އެ އުސޫލުގެ ދަށުން މެންބަރުން ޕާޓީއިން ވަކިވާން އެދިއްޖެނަމަ ޕާޓީގެ އިސް މަގާމްތަށް ހަވާލުވެފައި ތިބޭ ފަރާތްތައް ފިޔަވާ އެންމެންނަށްވެސް ވަކިވެވޭނެއެވެ.
މިހާރު ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުންވާ ފަރާތްތަކުން ޕާޓީގެ ދަފްތަރުން ވަކިކޮށްދެނީ އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ.
އީސީން ބުނީ އެ ބަދަލު ގެނައުމުގެ ބޭނުމަކީ ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއެއްގެ މަގާމަކަށް ކުރިމަތިލާން ނުވަތަ އެތެރޭގެ އިންތިހާބެއްގައި ވާދަކުރަން ބޭނުންވި ނަމަވެސް 14 ދުވަހުގެ މުއްދަތު އޮތުމުން އެކަމަށް ހުރަސްއެޅޭކަމުގެ ޝަކުވާ ލިބޭތީ ކަމަށެވެ.
މިގޮތުން އީސީން ބުނީ މި އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕާޓީތަކުގެ އާންމު މެންބަރުން އީސީގެ ޕޯޓަލްގެ ތެރެއިން ޕާޓީއިން ވަކިވުމަށް އެދި ހުށަހެޅުމުން ވަގުތުން ވަކިވެވޭނެ ކަމަށެވެ.




