ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ޒަކާތު ބެނެފިޝަރީ ކާޑެއް އަންނަ މަހު ތަޢާރަފުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ކާޑު ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކާ އެއްފަދައިން ބަލައިގެން، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހު މި ކާޑު އިފްތިތާހު ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތައް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ފަސޭހަކޮށްލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި ކާޑުން އެއީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ މީހެއްކަން ދެނެގަނެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ކާޑު އޮތުމުން އޭނާއަކީ، ކާކުކަން ދެނެގަނެވޭނެ ކަމަށެވެ.
“ ރަމަޟާން މަހުގައި އަޅުގަނޑުމެން ފަޤީރު މީހާއަށް މިދިނީ ކާބޯތަކެތި. އެ ކާބޯތަކެތީގެ ބަޖެޓަށް އެމީހަކަށް ކަނޑައަޅާފައި މިއޮތީ މިސާލަކަށް 5000 ރުފިޔާ. މި ރުފިޔާއާ ހަމައަށް ކަނޑައެޅިފަ ހުންނަ ފިހާރަތަކަކުން އެ ކާޑުން އޭނާއަށް ކާބޯތަކެތި ގަނެވޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޒަކާތު ބެނިފިޝަރީ ކާޑު ތައާރަފުކުރުމުގެ ސަބަބުން ފަޤީރުން އޮފީސްތަކަށާއި ތަންތަނަށް ހިނގަންޖެހޭ މިންވަރު މަދުވެ، ޚިދުމަތްތައް ފަސޭހަކޮށް ލިބިދޭނެ ކަމަށެވެ.




1 Comment
މިކާޑު ފަގީރުންގެލިސްޓްގައި ޖެހިފައިވާ އެންމެންނަށް ހައްދާފައި ބެންކް ތަކުން ދޫކޮށްފައިވާ ކާޑުތައްކެންސަލްކޮށް މިކާޑުން އެހިދުމަތްލިބޭގޮތް ހެދުންއެއީ ރަނގަޅުގޮތެއްކަމަށްދެކެން.