މާލޭގެ ބާޒާރު ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް އަންނަ ރޯދަ މަސް ނިމެންވާއިރަށް ނިންމަން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު ރޭގައި ވިދާޅުވީ ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ފަށަން ކުރަން ޖެހޭ ކަންކަން ނިންމަން ދުވަސްތަކެއް ނަގާނެ ކަމަށެވެ.
އެހެންކަމުން މަގުތަކުގެ ފެންވަރު ރަނގަޅުކުރަން މިހާރު ވެސް ކުރެވެން ހުރި ކަންކަން ކުރެވޭތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލޭގެ ބޭރު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނުހިމެނޭ ބާޒާރު މަތީގެ މަގު ހަދަން އޮތީ ފަށައިފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”ބާޒާރުމަތި ވަރަށް ތޮއްޖެހޭ ތަނެއް އެއީ. ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ބާޒާރު މަތީގައި މަގު ފުޅާކޮށް ދެކޮޅަށް ދެ ލޭން އޮންނަ ގޮތަށް ދުއްވޭ ގޮތަށް މަގު ފުޅާކުރުމުގެ މަސައްކަތް އެބަ ބާރަށް ހިނގާކަން. އެ މަސައްކަތް ރޯދަ މަސް ނިމެންވާއިރަށް، ބާޒާރު މަތީގައި އެންމެ ބާރު ބޮޑު ސަރަހައްދުގައި ނިންމާލަން. އެއީ އެމްޕީއެލް ސަރަހައްދުން ގޮސް މަސް މާރުކޭޓާ ހަމައަށް ނޫނީ އިއްޒުއްދިން ފާލަމާ ހަމައަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ނިމުމުން ބާޒަރު ސަރަހައްދަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.




