ވިއްކުމަށްޓަކައި، ފާހާނާ ތެރޭގައި ކާބޯތަކެތި ހަދަމުންދިޔަ ތަނެއް ބަލައިފާސްކޮށް 18 ބިދޭސީއަކު އަތުލައިގެންފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ހާއްސަ ކޮށްފައިވާ ޓާސްކުފޯހުން ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ކަމަށެވެ.
ސާފުތާހިރުކަމެއް ނެތް އެ ތަނުގެ ތެރޭގައި އެ މީހުން ތައްޔާރު ކުރަމުން ދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތާއި މަސްމިރުހާއި ހިކިމަހުގެ އިތުރުން އެކި ކަހަލަ ގުޅަ އާއި ލުއިކާނާގެ ވައްތަރުތައް ވެސް ހިމެނެއެވެ.
ބިދޭސީން އެ ތަކެތި ތައްޔާރުކޮށް ބަންދު ކުރަމުން ދިޔައީ އެ މީހުން ނިދުމަށް ބޭނުންކުރަމުން ދިޔަ ކޮޓަރީގެ ބަންކު ބެޑް ޖަހާފައި ހުރިއިރު އޭގެ މަތީގައެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން އެތަކެތި ކެއްކުމަށް ބޭނުން ކުރަމުން ދިޔައީ ފާހަނާ އެކެވެ. އެ ތަނުގައި އުނދުން ބަހައްޓައިގެން ކައްކަން ހުރި ތެލިތައް ވެސް ފެނެއެވެ.
އެ އިދާރާ އިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ”އަލިކޮ އިންވެސްމަންޓް“ ބްރޭންޑުގެ ނަމުގައި މުރާލި އައި ރިހާކުރު ޗިޕްސް އާއި ގުޅަ ޕެކެޓާއި މަސް ޕެކެޓް ބަންދުކޮށްފައި ހުއްޓެވެ. އެ ބްރޭންޑުގެ ލޭބަލްގައި އާންމުކޮށް ވެސް މާލޭގެ އެކި ފިހާރަތަކުގައި އެއްޗެހި ވިއްކައެވެ.




