މިދިޔަ ހަފުތާގައި އެކަނިވެސް ކާކުކަން އޮޅުވާލައިގެން، 18 ސްކޭމެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެންބަރު މަހުގެ 30އިން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 48 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މީގެތެރޭގައި ކާކުކަން އޮޅުވާލައިގެން ސްކޭމްގެ 18 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި އޮންލައިން ވިޔަފާރިތަކުގެ ނަމުގައި ކުރި 15 ސްކޭމަކާ ލިންކުތައް މެދުވެރިކޮށް ސްކޭމްކުރި ހަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި ޖުމުލަ 546،090 ރުފިޔާ ވަނީ ގެއްލިފައެވެ.
މީގެ ތެރެއިން އެ ހަފުތާގެ ތެރޭ އަނބުރާ ހޯދުނީ 180،109 ރުފިޔާ ކަމަށް ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުހުން ބުނީ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅައި، ނުވަތަ reportscam@police.gov.mvއަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެއެވެ.



