ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާއި، އެ ކުންފުނީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދު، ކުންފުނީގެ ސަރވަރ ގައި ހުރި ލިޔުންތަކެއް ރިކަވަނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެމީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ޕީޖީން މިއަދު ނިންމައިފިއެވެ.
މި މައްސަލާގައި ފަޒުލްއަށާއި ޝުހޫދުގެ މައްޗަށް ކޮށްފައިވަނީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަރވަރ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، އަދުލު އިންސާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.
ނަމަވެސް އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ފުލުހުންގެ ތަހުގީގު ރިޕޯޓުގައި، ފަޒުލްއާއި ޝުހޫދު އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.
އެހެންކަމުން ޕީޖީން ބުނީ ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާތީ ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދިނުމަށް މިދިޔަ ސަރުކާރުން ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ނުހައްގުން ބަޔަކަށް ގޯތިދިންކަމަށް ތުހުމަތު ކުރާ މައްސަލައިގައި، ފަޒުލްއަށް ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ.
ނުހައްގުން ގޯތި ލިބުން މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ވެސް ހިމެނެއެވެ.



