އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއްގެ ޑިޒައިން ކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މިއީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރީސޯސަސްއިން ކުރިއަށް ގެންދާ ”ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިންދަ ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް“ ގެ ދަށުން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.
”މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން މިނިސްޓްރީން މިހާރު ވަނީ އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި، މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއެކު ގެޒެޓްގައި އިއުލާންކޮށްފައެވެ.
މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00 އެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީ އިން ވަނީ މަސްވެރިންނާއި އަދި މަހުގެ އެކިބާވަތްތައް ތައްޔާރުކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި އެ އުޅަނދު ޑިޒައިން ކުރުމުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ.
އެގޮތުން، ބާނާމަހުގެ ކޮލޮޓީ ރަނގަޅުކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރުކުރުމާއި، ދޯނީގައި މަސް ގިނަ ދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށް ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސްއަރުވާ ބޭލޭނެގޮތްތަކާއި، މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ގިނަދުވަހަށް އެން ރައްކާކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރުމާއި، އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރެވިފައެވެ.
މިގޮތުން އަލަށް ފަރުމާކުރެވޭ މަސްވެރި އުޅަނދު ވާންވާނީ އެ ކަންތައްތަކަށް ރިއާޔަތް ކުރެވިގެން ފަރުމާކުރެވޭ އުޅަނދަކަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ޒަމާނީ މަސްވެރި އުޅަނދަކީ، ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޖުތަމަޢާއި ތަރައްޤީގެ ކުރިމަގަށް ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓެއް ކަމަށެވެ.



