ކ. ދިއްފުއްޓަށް ދަތުރުދިޔަ ޓޫރިސްޓުންތަކެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ޓިކްޓޮކްގައި އާންމުވެއްޖެއެވެ.
”އެޑަމްސް ފެމިލީ“ ނަމަކަށް ޖަހާފައި އިން ޓިކްޓޮކް އެކައުންޓަކުން އިއްޔެ ކުރި ޕޯސްޓެއްގައި ޓޫރިސްޓު އަންހެނަކު ބުނެފައިވަނީ، އޭނާއާއި އޭނާގެ ފިރިމީހާ ”ކްރިސް“ އަތިރިމަތީގައި ތިއްބާ، މީހަކު ކްރިސްގެ ދަބަހާއި ފޯނު ވަގަށް ނެގި ކަމަށެވެ.
އަތިރިމަތީގެ ފަހަތުގައި ހުރި ގަސްތަކެއްގެ ތެރެއިން ކްރިސްގެ ވޮލެޓާއި ފޯނު ފެނިފައިވާ ކަމަށާއި ނަމަވެސް ވޮލެޓުގައި ހުރި ކާޑުތަކާއި ފައިސާތައް ވަގަށް ގެންގޮސްފައިވާ ކަމަށް އެމީހާ ބުނެފައިވެއެވެ.
ވާހަކަ ދައްކާ ގޮތުން، އިނގިރޭސިވިލާތަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވޭ މި ޓޫރިސްޓުން ވަނީ މިކަމާ ނުރުހުންފާޅުކޮށް، ރާއްޖެއަށް އެއްވެސް މީހަކު ނައުމަށް ވެސް ގޮވާލާފައެވެ.
އެމީހުން ފަހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން އެކަން ބަލަމުންދާ ކަމަށެވެ.
މި މައްސަލައާ ބެހޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއްގެ ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.



