އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފާއިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައިފިއެވެ.
އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދިނުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން މި ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ސާފުކުރާ ކުށާއި ދަރަނީގެ ރެކޯޑު ކޮމިޝަނުން ބަލައިގަންނާނެކަމަށް ވެސް އީސީން ބުނެފައިވެއެވެ.
މީގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ކުރިން ދިން ނަމަވެސް، ރިކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށް އީސީން މައުލޫމާތުދެއެވެ.
ކުށާއި ދަރަނީގެ ރެކޯޑު ފޯމުތަކުގެ ތަފްސީލު:
° ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑްސް ޕޯޓަލްއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބޭނުމަށް، އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު.
° މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު.
° މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރެކޯޑު.
މި އިންތިހާބުގައި ޢަމަލުކުރާނީ، ޤާނޫނުތަކަށް ގެނައި އިސްލާހުތަކަކާ ގުޅިގެން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުން، 2000 މީހުންނަށްވުރެ އާބާދީ ބޮޑު ރަށެއްނަމަ 5 ކައުންސިލަރުންނެވެ. އަދި އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެއެވެ.




