ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފިއެވެ.
ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ފެށި މި ކޮންފަރެންސަކީ އަލަށް ޢައްޔަންކުރެވޭ އޮޑިޓަރުންނަށް މައުލޫމާތު ދިނުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސެކެވެ.
އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި އެލްޖީއޭގެ ރައީސް އާދަމް ޝަރީފު ޢުމަރު އެވެ.
މި ކޮންފަރެންސްގެ ޝިޢާރަކީ “ސްޓްރެންތިން ގަވަރނަންސް: އިންޓްރޮޑިއުސިންގ އިންޓަރނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަރސައިޓް“ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވަނީ އެ ކޮންފަރެންސްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ކޮންފަރެންސް ކުރިއަށްގެންދިޔުމުގެ މަގުސަދުގެ ތެރޭގައި އޮޑިޓަރުންގެ ހުނަރާއި، އަމަލީ ޤާބިލުކަން އުފެއްދުން ހިމެނެއެވެ.
ޖުމްލަ 47 ބައިވެރިންނާއެކު ކުރިއަށްދާ އެ ކޮންފަރެންސްގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން އަދި ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.
މިއީ، މިގޮތަށް ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފޯރަމެވެ.
މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ބުނީ ކުރިއަށް އޮތް ތަނުގައި މި ފޯރަމް ސިލްސިލާ ފޯރަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.



