ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ، ތިލަފުށި، އަދި ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލަށް ބަދަލު ގެނެސްފިއެވެ.
އެޗްޑީސީން ނެރުނު އިޢުލާނެއްގައި ބުނީ އެ އުސޫލުގެ 12 ވަނަ މާއްދާގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި (ފުލެޓު ނުވަތަ ރޯހައުސް) ތަކަށް 2 (ދޭއް) ޓަނަށް ވުރެ ބޮޑެތި ލޮރީ ފަދަ އުޅަނދު ނުގެނެވޭނެ ކަމަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާރު ގެނެވުނު ބަދަލާއެކު، ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ޓްރަކް ނުވަތަ ލޮރީ ބާއްވާނެ ޖާގަ، ގޯތި، ފުލެޓު، ނުވަތަ ރޯހައުސްގެ ގަރާޖުގައި ހުރިކަމުގައިވާނަމަ، އެ އުޅަނދު ރަޖީސްޓަރީކުރުމުގެ ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ މި ބަދަލު ވާނީ އެ އުޞޫލުގެ 5 ވަނަ މާއްދާގެ (މ) އަށް އިތުރުކުރެވިފައި ކަމަށެވެ.
އެޗްޑީސީގެ އިއުލާނުގައި ވަނީ އަލަށް އެކުލަވާލި އުޞޫލު އެ ކޯޕަރޭޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާކަން އިޢުލާނުކޮށްފައެވެ.
ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލަށް އެޗްޑީސީން އަލަށް އެކުލަވާލި އުސޫލުގެ ސަބަބުން ގެއެއްގެ ނުވަތަ ފުލެޓެއްގެ ގަރާޖުގައި ބޮޑެތި އުޅަނދުފަހަރު ބެހެއްޓުމުގެ ޤާބިލުކަން ހުރި ފަރާތްތަކަށް، އެ އުޅަނދު ފަހަރު ދިރިއުޅޭ ސަރަޙައްދުގައި ބޭނުންކުރުމުގެ ހުއްދަ ލިބޭނެއެވެ.



