މުސްލިމުންގެ އެއްވުންތައް ފަށާއިރުއާއި ނިންމާއިރު، ޖަމާޢަތުގައި ދުޢާކުރުމަކީ، އޭގެ ޒާތުގައި މައްސަލައެއް ނޫންކަމަށާއި އެއީ ހުއްދަ ކަމެއް ކަމަށް ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.
ޖަމާޢަތް ހަދައިގެން ދުޢާ ކުރުމުގެ ހުކުމާ ގުޅޭ ގޮތުން އެ މަޖިލީހުން މިއަދު ނެރުނު ފަތުވާގަައި ބުނީ މުސްލިމުންގެ އެއްވުންތައް ފަށާއިރުއާ ނިންމާއިރު ޖަމާޢަތުގައި ދުޢާކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމަށެވެ.
”އެހެންނަމަވެސް ދީނީ ބައެއް އިލްމުވެރިން އެކަން އާދައަކަށް ނުހެދުމަށް ޝަރުތު ކުރައްވައެވެ. އެހެނީ ބައެއްފަހަރު ހަމައެކަނި ދުޢާކުރުމަށްޓަކައި ގަވާއިދުން މީސްތަކުން އެއްވެ، އެކަންކުރެއެވެ.“ އެ މަޖިލީހުން ނެރުނު ފަތުވާގައި ވެއެވެ.
ނަމަވެސް ދީނީ ބައެއް ޢިލްމުވެރިން އެކަން އާދައަކަށް ނުހެދުން ޝަރުޠުކުރައްވާ ކަމަށް އެ މަޖިލީހުން ނެރުނު ފަތުވާގައި ވެއެވެ.
”މިގޮތުން މީސްތަކުން ވަކި މަޤްޞަދެއްގައި އެއްވެއްޖެނަމަ، މިސާލަކަށް ދަރުހެއް ނުވަތަ މަސައްކަތުގެ ބައްދަލުވުމެއް، ނުވަތަ ޢާންމު، މުނާސަބަތެއްގައި ބައްދަލުވެ ދެން އެބައްދަލުވުން، ނިންމާލުމުގެ ގޮތުން، ހިދާޔަތަށް ނުވަތަ ބަރަކާތަށް އެދި ޖަމާޢަތުގައި، ދުޢާއެއްކުރި ނަމަވެސް، މިކަން، އާދައެއްގެ ގޮތުގައި، ނުހަދާހާ ހިނދަކު ނުވަތަ މިއީ ވަކި، ވަގުތެއް ނުވަތަ ވަކި ގޮތެއް ކަނޑައެޅިފައިވާ ޚާއްޞަ ޢިބާދާތެއްކަމަށް ޤަބޫލުނުކުރާހާ ހިނދަކު، މިކަން ބިދުއައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ފަތުވާގައި ވެއެވެ. އަދި އެކަން ހިމެނެނީ ޝަރުޢުގައި ހުއްދަވެގެންވާ ދުޢާކުރުމުގެ ބާބުގެ ތެރެއިން“ އެ ފަތުވާގައި ވެއެވެ.
މީގެ އިތުރުން އެ ފަތުވާގައި ވަނީ ޖަމާއަތުގައި ދުއާ ކުރުން ހުއްދަވާކަން ހާމަވާ ހަސަން ދަރަޖައިގެ ހަދީޘްއެއްވެސް ހިމަނާފައިވެއެވެ.




