އިދިކޮޅު އެމްޑީޕީއަށް ޗެއޭޕަރސަނެއް ހޮވުމަށް ބޭއްވޭ އިންތިހާބު ބާއްވާނީ އަންނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލު އޮންތިހާބަށްފަހު ކަމުގައި އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕަރސަންކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު، އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެހެންވެ ވަގުތީ ގޮތުން ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކާ ހަވާލުވާނެ ގައުމީ މަޖިލީހުގެ މެންބަރަކު ކަނޑައެޅުމާއި ދާއިމީ ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ރޭ ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.
އެއީ:
° ކައުންސިލް އިންތިހާބު ބާއްވާތާ ހަތް ދުވަސް ތެރޭގައި އެ މަގާމަށް ކުރިމަތިލާން ހުޅުވާލައި މަހެއްހާ ދުވަސް ތެރޭގައި ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް، ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ސައްލެ) ހުށަހެޅުއްވި ހުށަހެޅުމާއި
° ރޭގައި ތާރީހެއް ކަނޑަނާޅައި، ތާރީހު ވެސް ހިމެނޭ ގޮތަށް ޗެއާޕާސަންގެ އިންތިހާބުގެ ހުރިހާ ކަމެއް ވެސް ކައުންސިލް އިންތިހާބުގެ ފަހުން ކުރިއަށް ގެންދިޔުމަަށް، ކުރީގެ ޗެއާޕާސަން ފައްޔާޒު ހުށަހެޅުއްވި ހުށަހެޅުމެވެ.
މި ދެ ހުށަހެޅުމެއް އޮތުމުން، ބައެއް މެންބަރުން އެ ކަމާ ބަހުސްކޮށް ދެން ނިންމީ ސަލީމް އާއި ފައްޔާޒު ވާހަކަ ދައްކަވައިގެން އެއް ހުށަހެޅުމަކަށް އައުމަށެވެ. މަޝްވަރާކުރެއްވުމަށްފަހު ސަލީމް ހުށަހެޅުއްވީ ކައުންސިލް އިންތިހާބު ބާއްވާތާ ހަތް ދުވަސް ތެރޭގައި ޗެއާޕާސަން އިންތިހާބުގެ މުޅި ޝެޑިއުލް އާންމުކުރުމަށެވެ.
މީގެ އިތުރުން ރޭގެ އެ ބައްދަލުވުމުގައި ދެބަސްވުންތަކަށްފަހު، ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ ވަނީ އިންތިހާބުކޮށްފައެވެ.



