މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހާގަ ކުރުމުގެ ގޮތުން ރ. ދުވާފަރުގައި ބައްވާ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދުވާފަރަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ޝިޔާމަށް ދުވަފަރުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ.
މިނިސްޓަރު ޝިޔާމް ދުވާފަރަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ސަގާފީ ހަރަކާތްތަކާއެކު އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ދުވާފަރުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ހިމެނެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބައްލަވާލެއްވުމަށާއި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ.




