މާލޭގެ ގެއެއްގެ ތެރޭގައި ދެ ލޯބިވެރިންގެ ދެމެދު އިއްޔެ ހިނގި ޒުވާބެއްގެ ތެރޭގައި، އުމުރުން 64 އަހަރުގެ ފިރިހެންމީހާއަށް ތޫނު އެއްޗަކުން ހަމަލާދިން 32 އަހަރުގެ އަންހެން މީހާ ފުލުހުން މިއަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ބުނީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް އިއްޔެ ހެނދުނު 10:05 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށާއި މި ދެމީހުންގެ ތެރެއިން ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ދެ މީހުންނަށް ވެސް އަނިޔާވެފައިވާތީ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ މިމައްސަލައާ ގުޅިގެން 32 އަހަރުގެ އަންހެން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.



