ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރައްވާފައިވަނީ މިއަދު ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ޖިނާއީ ކުށްތައް ބަޔާންކޮށްފައިވާ ގާނޫނުލްއުގޫބާތުގައި ޖުވާ ކުޅުމާއި އެފަދަ އެއްވެސް ކަމެއް އެ ގާނޫނުގައި ނުހިމެނެއެވެ. އެހެންކަމުން ރައީސް ހުށަހަޅުއްވާފައިމިވަނީ މިހާރު އެކަން ބަދަލުކޮށް، އެ ގާނޫނު އިސްލާހު ކުރެއްވުމަށެވެ.
ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރިން ވިދާޅުވެފައިވެއެވެ.
އުޝާމް އޭރު ވިދާޅުވެފައިވަނީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.



