އިންޑޮނީޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިޘާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝީއާގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިޔާގެ ރައީސް ސުބިއަންތޯއަށާއި، މި ހާދިޘާގައި ނިޔާވި މީހުންގެ ޢާއިލާތަކަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައި ވެއެވެ.
އެގޮތުން އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހާދިޘާގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަން، ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި މި ހާދިޘާގެ އަސަރު ކުރި ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި ވަނީ މި ހާދިޘާގައި އަނިޔާލިބި، ގެއްލުންތައް ތަޙައްމަލުކުރަން ޖެހުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހާ އަވަހަކަށް އެކަމުން އަރައިގަނެވޭނެ ގޮތް ވުމަށް އެދިވަޑައިގެންފައެވެ.




