މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި، އެ ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފައިވާ ކަމަށެވެ.
މެރިކަލްޗަރ ފައިނޭންސިންގއަށް އަށް އެދި ހުށަހެޅުމަށްwww.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް، 13 ޑިސެންބަރު 2025 ގައި ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި އަލަށް ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އެ ޕްރޮގްރާމުގެ ދަށުން، މެރިކަލްޗަރ ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
”މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސް ފޯރުކޮށްދެވޭނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ އެ ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗަރ ސިނާއަތް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، ލުއި ފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުން ކަމަށް މިނިސްޓްރީން ބުންޏެވެ.



