މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުގައި 50 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 30އިން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ހިނގި އެކްސިޑެންޓުތަކުގެ މަޢުލޫމާތު ހާމަކޮށް ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުގައެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި 50 އެކްސިޑެންޓް ހިނގާފައިވާއިރު، މި އެކްސިޑެންޓުތަކުގައި 37 އުޅަނދަކަށް ވަނީ ގެއްލުންވެފައެވެ.
އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 6ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 10 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ، މި މަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު 5 އެކްސިޑެންޓް ހިނގާފައިވެއެވެ.
ހަމައެހެންމެ އެ މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ހިމެނޭ %97 އުޅަނދަކަށް ގެއްލުން ލިބިފައިވެއެވެ.
މި އެކްސިޑެންޓުތަކުގެ ތެރެއިން 37 އެކްސިޑެންޓް ދުވާލުގެ ވަގުތުގައި ހިނގާފައި ވާއިރު އެއީ، %74 އެވެ. އަދި 13 އެކްސިޑެންޓެއް ހިނގާފައިވަނީ، ރޭގަނޑުގެ ވަގުތުގައެވެ. އެއީ، %26 އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓުތަކުގެ ތެރެއިން ބްރިޖާއި، ހައިވޭގައި %22 އެކްސިޑެންޓް ހިނގާފައިވާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގީ ސައިކަލު ދުއްވުމުގެ ތެރޭގައެވެ. އެގޮތުން 2 ސައިކަލު ޖެހިގެން 15 އެކްސިޑެންޓު ހިނގާފައިވާއިރު ސައިކަލާއި، ކާރު ޖެހިގެން 10 އެކްސިޑެންޓު ހިނގާފައިވެއެވެ.



