އިއްޔެ މުޅި ސޯޝަލް މީޑިއާ ފުރާލި އެއް ވާހަކައަކީ، ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ބިދޭސީ ޓަިޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ތަޅާފޮޅުމުގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފެށިކަމުގެ ވާހަކައެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 12:00 ހާއިރެވެ. އަދި މި ހާދިސާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ހަލުވިކަމާއެކު ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ބޮޑަށް ފެންނަ ގޮތުގައި އެ ދަރިވަރު، އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރުގެ ގައިގައި އެތައް ފަހަރަކު ވަނީ ޖަހާފައެވެ. އަދި ޖަހާ ކޮންމެ ފަހަރަކު، އިތުރަށް ޖެހުނަ ނުދިނުމަށްޓަކައި ޓީޗަރު ދަރިވަރުގެ އަތުގައި ހިފަހައްޓާ ތަނާއި ކޮއްޕާލާތަން ވެސް ފެނެއެވެ. ނަމަވެސް އެފަދައިން ދަރިވަރު ހުއްޓުވުމުން، ކުއްޖާއަށް ކޮންމެވެސް ވަރަކަށް އަނިޔާވާނެ ކަމަށް ވެސް ބެލެވެއެވެ.
އެއްފަހަރު ދަރިވަރު ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހައެެވެ. ޖެހުމާއެކު ބިދޭސީ ޓީޗަރު، ކުއްޖާގެ ލަފުގައި ހިފައި ދުރަށް ޖައްސައެެވެ. އެއާއެކު އަނެއްކާ ވެސް ފިރިހެން ދަރިވަރު ޓީޗަރު ގައިގައި ޖެހުމާއެކު އޭގެ ރައްދުގައި ބިދޭސީ ޓީޗަރު ވެސް ކުއްޖާ ގައިގައި ބާރަށް އަތްލައި ކޮއްޕާލާ މަންޒަދު ފެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ބެހޭގޮތުން ބުނީ އެ މިނިސްޓްރީގެ ސަމާލުކަމަށް މައްސަލަ އައިސްފައިވާ ކަމަށެވެ. އަދި އިތުރަށް އެ ކަން ބަަލަމުން އަންނަ ކަމަށާއި، މިހާރު ޓީޗަރު ހުރީ ސަސްޕެންޑު ކޮށްފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިކަހަލަ ކަންތައްތަކުގައި ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެންހުރި ފިޔަވަޅު އަޅާނެ ކަމަށާއި މިކަން މެދުވެރިވާން ދިމާވި ސަބަބު އަދި ހިނގައިދިޔަ ކަންތަކުގެ ތަފްސީލް ބަލަމުންދާ ކަމުގައި ވެސް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަންގެ އެ ނިންމުމާއެކު މުޅި އިންޓަނެޓު މިހާރު ގުގުމާލާފައިވަނީ އެ ޓީޗަރުގެ ދިފާއުގައެވެ. ގިނަ ބަޔަކު ވަނީ އެ ޓީޗަރަށް ކުއްޖާ ހަނގާ ކުރިކަން ސާބިތުވާ ކަމަށް ވެސް ބުނެ، އެތައް ފަހަރަކު ފުރައްސާރަ ކުރިކަން ވެސް ފާހަގަ ކޮށްފައެވެ.
ޚުދު އިއްޔެވެސް އެ ކުއްޖާ ފުރަތަމަ އެ ޓީޗަރަށް ފުރައްސާރަކުރަން ފެށިކަމަށާއި އެއްވެސް އަދަބެއް ސަދަބެއް ނެތި ޓީޗަރުގެ ގަޔަށް އަތް އިސްކޮށް، އަނިޔާކުރިކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
މިޒަމާނުގެ ގިނަ ކުދިންނަށް 18 އަހަރުން ދަށްނަމަ، ޙައްޤުތަކެއް ލިބިގެންވާކަމާއި ދަރިވަރެއް ގައިގައި ޓީޗަރެއް ޖަހައިފިނަމަ ކަންތައްވާނެ ގޮތްވެސް އެނގޭތީ، އެކަމުގެ ނާޖާއިޒް ފައިދާ ދަރިވަރު ނެގީ ކަމަށާއި މިކަމުގައި އިންސާފު ލިބުނު ކަމަށްވާނީ ދަރިވަރަށް ވެސް އަދަބު ލިބިގެން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިހާރު ގޮވާލަމުން ދަނީ އެ ޓީޗަރު ޑީޕޯޓު ނުކުރުމަށާއި ކަންތައް ހިނގައިދިޔަ ގޮތާއި މިކަމުގައި ހިމެނޭ ދަރިވަރާއި އެ ކުއްޖާގެ ބައިވެރިންނަށް ވެސް އަދަބު ދިނުމަށެވެ. އަދި އުނގަންނައިދޭން ތިބޭ މުދައްރިސުންނަށް އިހުތިރާމު ކުރަން ދަސްކޮށްދިނުމަށް ވެސް އެތައް ބަޔަކު ބެލެނިވެރިންނަށް ވަނީ ގޮވާލާފައެވެ.



