ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި، ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވާ ދޯނިތައް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް، އެ މުޒާހަރާ ރޫޅާލައިފިއެވެ.
އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފެށި އެ އިހުތިޖާޖު މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި ވެސް މަސްވެރިން ދިޔައީ ކުރިއަށް ގެންދަމުންނެވެ.
މި އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރަށްވުރެ ގިނައިރު މިހާރު ވެފައިވާއިރު، ފުލުހުން މިހާރު ވަނީ އެ ދޯނިތަކަށް އަރާފައެވެ.
ފުލުހުން ބުނިގޮތުގައި، ދޯނިތަކަަށް އެރީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާތީ، އެއީ ގާނޫނާހިލާފު ކަމަކަަށްވާތީއެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފައެވެ.
ފުލުހުން ދޯނިތަކަށް އަރައި، ބައެއް ދޯނިތައް ގެންދިޔުމުގެ ސަބަބުން އިހުތިޖާޖު މިހާރު ވަނީ ހުއްޓިފަ އެވެ. މި އިހުތިޖާޖުގައި 49 ދޯންޏަކުން ބައިވެރިވިއެވެ.




