ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބަންދުކުރި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައި، އެ މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ހުޅުމާލޭގައި ހުންނަ އެމްޕީއެލްގެ ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ފެންމަތިވުމާއެކު، 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އާރިފާއި ދިގަލި ހައްޔަރުކުރީ އެކަމަށް ފަންޑް ކުރުމުގެ ތުހުމަތުގައެވެ.
އެ އެންމެންގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދި، ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވާ ނަމަވެސް މިހާތަނަށް ދައުވާކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ވަކި ނުނިންމަ އެވެ. ޕީޖީ އޮފީހުން ބުނީ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 17 އަށެވެ.

އެ މައްސަލާގައި ތަހުގީގު ނިމި، ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ އާރިފާއި ދިގަލި އަދި ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ހަސަން ކ. ތުލުސްދޫ، ލިންކް ހައުސް، އަބްދުއްރަހްމާން ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެ ހުށަހެޅުމާ އެއްގޮތަށް އެ ތިން މީހުން މިއަދު ވަނީ ދޫކޮށްލާފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެމީހުން ބަންދުން ދޫކުރުމަށް އެދުނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ އެވެ. އަދި ހަސަން އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.





2 Comments
ކޮބާ އަމަލީ ގޮތުން ބައިވެރިވުމަކީ، އެމީހުން ފަންޑް ކުރީމަ ދޯ އެކަން ކުރެވުނީ. ދެން ހެކިނެތޭ ކިޔާފަ ދޫކޮއްލާ. ފައިސާ ވެރިންނަށް ވީމަ މޮޅުގޮތް. ވައްކަމުން މަންފާ ވެސް އެމީހުންނަށް. ޕީ.ޖީ އަށް ކިހާވަރެއްބާ ދިނީ.
ތީ ހަމަ ގައުމުގެ ހާލަތު! ޢަދުލު އިންސާފް ގެއްލިފައި ވާ ވަރު.