ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އިއްޔެ ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވިއެވެ.
އަދި އެ 4 ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާކަމަށް އިމިގްރޭޝަނުން ބުނެފަައިވެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
އެގޮތުން އިމިގްރޭޝަނުން ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގައިވެސް 4 މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް ހަރަކާތެރިވަމުން ދިޔަ 4 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ހާމަކޮށްފައެވެ.



