ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ ޢަރަބިއްޔާ އަލް-ސަފްވާ ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ސޮއިކުރެވުނު މި ފަހުމުނާމާގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި އެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ މުޙައްމަދު އަލް-ޙަޖޫރީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި ޙައްޖު ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އަލް-ސަފްވާ ފައުންޑޭޝަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެވެ.
މިއަދު މި ފައުންޑޭޝަނާއެކު މި ވެވުނު އެއްބަސްވުމާއެކު ޙައްޖު ކޯޕަރޭޝަނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.



