މި މަހުގެ 15 އިން 19 އަށް ޤަތަރުގެ ދޯހާގައި ބާއްވާ އ.ދ.ގެ ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ ކޮންވެންޝަން (އުންކެކް) ގެ ދައުލަތްތަކުގެ ފަރާތްތަކުގެ ބައްދަލުވުން (ކޮސްޕް11) ގައި ބައިވެރިވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މި ކޮންފަރެންސް އިންތިޒާމުކުރަނީ އ.ދ.ގެ މަސްތުވާތަކެއްޗާއި ކުށާ ދެކޮޅަށް މަސައްކަތްކުރާ އޮފީސް (ޔޫއެންއޯޑީސީ) އާއި ޤަތަރު ގުޅިގެންނެވެ.
މިއީ ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް އޭސީސީން ހާމަކުރެެއެވެ.
ކޮސްޕް11 އަކީ އުންކެކްއާ ގުޅޭގޮތުން ނިންމުންތައް ނިންމާ މައިގަނޑު ފޯރަމެވެ.
މި ބައްދަލުވުމުގައި ދައުލަތްތަކުގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ސިވިލް ސޮސައިޓީގެ ފަރާތްތައް އެއްވެ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ކުރިއެރުންތައް ވަޒަންކޮށް، ޤަރާރުތައް ފާސްކޮށް،ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރެއެވެ.
ކޮސްޕް11 ގައި، ބައިވެރިވާ ދައުލަތްތަކުން އުންކެކްގެ އެންގުންތައް ތަންފީޒުކުރާ މިންވަރު މުރާޖަޢާކޮށް، އެންމެ ރަނގަޅު އުސޫލުތައް ހިއްސާކޮށް، ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ސްޓްރެޓެޖީތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.



