45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދިޔަ ”މަސްވެރިންގެ ގުންޒަރު“ ކާމިޔަބު ކަމާއެކު ނިންމާލާ ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ބޭއްވި މަސްވެރިންގެ ގުންޒަރު ކުރިއަށްގެންދިޔައީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއެވެ.
އެ ފޯރަމްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާއި ފިޝަރީޒް މިނިސްޓްެރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމި ރަށް އަދި އެ ފޯރަމްވެސް ކުރިއަށްގެންދިޔަ ރަށް ކަމަށްވާ ރ. ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން އެ ފޯރަމްގައި ބައިވެރިވިއެވެ.
މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އެ ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.
އެގޮތުން އެކަންކަމާމެދު މަޝްވަރާކޮށް މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް އެ ފޯރަމްގައި މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
”މަސްވެރިންގެ ގުންޒަރުގައި ކުރިއަށްގެންދިޔަ ސެޝަން ތަކުގައި އެމް.އެން.ޑީ.އެފް ކޯސްޓް ގާރޑް، އެމް.އެފް.އޯ.އާރް.އެމް.ޕީ.ސީ، އެމް.އެސް.ޕީ.އީ.އޭ އަދި ބީ.އެމް.އެލްގެ ފަރާތުން ސެޝަންތައް ނަގައިދީފައިވޭ.“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް މިނިސްޓްެރީއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



