އިސްރާއީލުން ފޭރިގަނެފައިވާ ބިންތަކުގައި 764 ހައުސިން ޔުނިޓް އަޅަން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ތިން އަވަށެއްގައި 764 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ.
ޔަހޫދީ ސަރުކާރުގެ ފިނޭންސް މިިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ ޕްލޭންތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ހަޔަރ ޕްލޭނިން ކައުންސިލުން ހަޝްމޮނައިމް، ބެއިތާރް އިލިޓް އަދި ގިވަޓް ޒީވް ސެޓެލްމަންޓްތަކުގައި 478، 230 އަދި 56 ހައުސިން ޔުނިޓް އެޅުމަށް އިސްރާއީލުން ވަނީ ހުއްދަ ދީފައެވެ.
އަދި މިއީ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީ އިތުރުކުރަން އެޅި ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން މިއާއެކު ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އެޕްރޫވް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ އަދަދު 51،370 އަށް އަރާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
ހުޅަނގު އައްސޭރީގައި އިތުރު ގެތައް އެޅުމަށް ޔަހޫދީން ޙުއްދަ ދީފައިވީ ނަމަވެސް އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި އަވަށްތައް ހަދައި މީހުން ވަޒަންވެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކުށެކެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދީނާ ވިދާޅުވީ މިއީ އެ ސަރަހައްދު ހަމަނުޖެހުންތަކާއި ޖަރީމާތައް ފުޅާކޮށް އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ސެޓްލްމަންޓް ޕޮލިސީގެ ބައެއް ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ 70،365 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 171،058 އަށް ވަނީ އަރާފައެވެ.
މީގެ އިތުރުން އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.



