ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ރޭގައި ބުނެފި އެވެ.
މަސްދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2021 ގައި ދީފައިވީ ނަމަވެސް މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ސަބަބެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.
މީގެ ހަތަރު އަހަރު ކުރިން ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން، މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ގެންގުޅެވޭނީ ބިދޭސީ ދެ މީހުންނެވެ. މަސްދޯނިތަކުގައި މަސައްކަތް ކުރަން ބިދޭސީންނަށް ހުއްދަ ދެނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް އެކަންޏެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ވަނީ ރޫޅާލައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. އެ ތިން މީހުންގެ ތެރޭގަައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.
މެމްބަރު މައުރޫފަކީ މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ.




