ރ. ދުވާފަރުގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެއްގައި ސަރުކާރާއެކު މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިއަދު ކުރައްވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ދުވާފަރުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އެވެ.
ރައީސް މުޢިއްޒު މިއަދު ދުވާފަރަށް ކުރައްވާފައިވާ މި ދަތުރުފުޅުގައި އެރަށުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާ ދެއްވުމުގެ އިތުރުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބާތާ ގުޅިގެން މިރޭ ދުވާފަރުގައި ބާއްވާ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.



