މި ސަރުކާރުގެ ފަސްމިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 985،083 ގަސް އިންދާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނެފިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ގައުމުގެ ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ހަރަކާތެކެވެ.
މި ޕްރޮގުރާމް ރަސްމީކޮށް ފެށިފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން 5 ޖޫން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާހައުލެއް ކަށަވަރުކޮށްދިނުމެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މިގޮތުން މި ޕްރޮގްރާމުގެ ދަށުން މިއަދާ ހަމައަށް މުޅި ޖުމްލަ 985،083 ގަސް އިންދާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ގަސް އިންދާފައިވާއިރު، މި ކަމަށްޓަކައި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތަކާއި، ސްކޫލުތަކާއި، ކައުންސިލުތަކުގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.



