ލ. ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލު ކުރަން, މިދިޔަ ދެ އަހަރު ދުވަސްތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް ހަންނާން އަބްދުލް ރަހީމް މިއަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ ހަންނާން އަބްދުލް ރަހީމް މިހެން ވިދާޅުވީ މި ސަރުކާރުގެ ހަފްތާ 104ގެ ކާމިޔާބީއާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައެވެ.
ހަންނާން ވިދާޅުވީ ގަން ރީޖަނަލް ހޮސްޕިޓަލް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި މިހާރުވެސް ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން މި ވަގުތު އެ ހޮސްޕިޓަލުގައި ނެތް ޚާއްސަ ބަލިތަކެއްގެ ޑޮކްޓަރުންތަކެއް ހޯދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ހިތުގެ ބައްޔާއި ނާރުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންތަކެއް އެ ހޮސްޕިޓަލާ ގުޅޭނެ ކަމަށް ހަންނާން ވިދާޅުވިއެވެ.
މި ވަގުތު ކުރަމުން އަންނަނީ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް އެކަނި ނޫން ކަމަށާއި ޑޮކްޓަރުން ދޭ ފަރުވާއާއެކުގައި ބޭނުން ވާނެ އެހެނިހެން މެޝިނަރީސްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަންނާން ވިދާޅުވިއެވެ.
”އޭގެ ތެރެއިން އަންނާނެ އެމްއާރުއައި. އެމްއާރުއައިގެ ޚިދުމަތް އަޅުގަނޑުމެން ހޮސްޕިޓަލުގައި ގާއިމު ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.“ ހަންނާން ވިދާޅުވިއެވެ.
މީގެ އިތުރުން ސްޕީޗް ތެރަޕިސްޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ހަންނާން ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުން މީގެ ކުރިން އެކި އޮޕަރޭޝަންތައް ކުރާއިރު ލޭ ހޯދުމަށް ދަތިތައް ދިމާވެފައިވާ ކަމަށާއި ނަމަވެސް މިހާރު އެ ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ގާއިމު ކުރުމާއެކު އެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް ހަންނާން ވިދާޅުވިއެވެ.
ހަމައެހެންމެ އެ ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށްވެސް ހަންނާން ވަނީ ވިދާޅުވެފައެވެ.




