އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ ”މީޑިއާ ސަރކަސްއަކަށް“ ހަދަން އޭނާ މަސައްކަތް ނުކުރުމަށާއި އަދި އެކަން ކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ދެއްވައިފިއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާން ބަންދުކޮށް، ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ.
އެ މައްސަލާގެ ޝަރީއަތް މީޑިއާ ހެޑްލައިން ހެދުމަށް ބޭނުން ނުކުރުމަށް އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން މިއަދު އިންޒާރު ދެއްވީ މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަންގެ ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފަކާ ޝަމްއާން ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެ، އެކަމާ ގުޅޭގޮތުންނެވެ. އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއިރު، ގާޒީ ވެސް ވަނީ އެ ސުވާލު ހުއްޓުވާފައެވެ.
އެގޮތުން ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ މީޑިއާ ސަރކަސްއެއްގެ ގޮތުގައި ނުވަތަ މީޑިއާ ހެޑްލައިން ހެދުމަށް އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ވެސް ގާޒީ ދެއްވިއެވެ.



