ގަލޮޅު ސިޓީ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާދަމް ޢާޒިމް މިއަދު ވަނީ އެ ޕާކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
މޭޔަރު މިކަން ހާމަކުރައްވާފައި ވަނީ ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުންނެވެ.
މޭޔަރު އާޒިމް ވިދާޅުވީ ގަލޮޅު ސިޓީ ޕާކަކީ ގަލޮޅުގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ތަނެއް ކަމަށެވެ.
ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ޕާކުގައި ކުލަލުމުގެ މަސައްކަތާއި ވޯކްވޭތަކުގައި އީ.ޕީ.ޑީ.އެމް ފްލޯރިންގ އެޅުމުގެ މަސައްކަތް ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އެ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވެސް މޭޔަރު ޢާޒިމް ވަނީ ހާމަކުރައްވާފައެވެ.
މިގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު މި ޕާކް ތަރައްޤީ ކުރުމުގެ ސަބަބުން، އެއީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފެތޭނެ ތަނެއްކަން ކަށަވަރުވާނެ ކަމަށްވެސް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ހުންނާނެއެވެ.
މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ވަނީ ތަރައްޤީކޮށްފައެވެ.



