ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.
ރައީސް މިކަންއަންގަވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާކަމަށާއި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާކަން ހާމަކޮށްފައެވެ.
އެހެންކަމުން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް އަންގަވާފައިވާ ކަމަށެވެ.
އަދި މި ރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން އަންގަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.




