އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިކަން ހާމަކުރައްވާ ޕީއެންސީން މިއަދު ބޭއްވި ޕްރެސްއެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އެ އިންތިޚާބަށް އެ ޕާޓީން ކަނޑައެޅި ކެމްޕޭނު މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 އަށް ހުޅުވާލި މުއްދަތު ހަމަވި އިރު ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ކެނޑިޑޭޓުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައިވާކަން ހާމަކޮށް ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ޕީއެންސީއަށް ގިނަ ބަޔަކު ވަދެފައިވާ ކަމަށެވެ.
އެގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމާ މި ދޭތެރޭ އޮތް ދުވަސްކޮޅުގެތެރޭގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.
މިގޮތުން މި މަހުގެ 27 ވަނަ ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގައި ޕްރައިމަރީ ބާއްވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.



