މިރެއިން ފެށިގެން މާލެ ސަރަޙައްދާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ދަންވަރު ވަގުތުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިހެން ބުނެފައި މިވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި މެންދަމުގެ ގަޑިތަކުގައިވެސް ބިދޭސީން އެއްވެ އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ކަންކަން ކުރަމުންދާކަމުގެ ކަންބޮޑުވުން ރައްޔިތުން ހިއްސާކުރެއްވުމުން ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީންނާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މިކަމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑު ދަންވަރުގެ ވަގުތުގައި ރަށުތެރޭގައި، އާންމު މަސްލަޙަތު ގެއްލޭފަދަ ޢަމަލުތައް ހިންގުމާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެއަކު މެންދަމު 00:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެ ކަމަށެއެވެ. އަދި މި މަސައްކަތް މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ކުރިއަށްގެންދާނެކަމަށް ފުލުހުން ބުނެފައިވިއެވެ.
ހަމައެހެންމެ މާލެ ސަރަޙައްދުގައި އެކި ތަންތަނުގައި ނިދާ ބިދޭސީންގެ ޙާލަތު ބަލައި އެ ފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރާނެކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން މިގޮތަށް ބަލަމުންދާއިރު ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނާ މެދު ޤާނޫނީ ފިޔަވަޅުއެޅުމަށް އެފަރާތްތައް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.



