ރާއްޖެ އަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ބައެއް ވިޔަފާރިވެރިން ރޭ ކުރުމާ އެކު، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކޮށްދެއްވާ މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިކަންހާމަކުރެއްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ޖަވާބުދެއްވަމުން ވަގުތުން ވަގުތަށް ހަމަޖައްސަވައިދެއްވެން ހުރި ބައެއް ކަންކަން ހާމަކުރައްވާފައެވެ.
އެގޮތުން ވައިގެ މަގުން އަދި ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމަށް މިހާރު އޮންނަ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް ހަމަޖައްސަވައި ދެއްވާނެކަންވެސް އިއުލާންކުރެއްވިއެވެ.
އަދި މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިން ރުފިޔާއިން ދައްކަންޖެހޭ ބައެއް ފީތަކަށްވެސް ގެނެވެން އޮތް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވިޔަފާރިވެރިންނަށް ދެއްވިއެވެ.
ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ކަންކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިމަސް ނިމުމުގެ ކުރިން ވީހާވެސް ގިނަބަޔަކަށް ފައިސާ ދޫކުރަން ކަމަށާއި ރަމަޟާން މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ވެއަރހައުސްއާއި އެކި ބޭނުންތަކަށް ކުއްޔަށް ތަންތަން ނުލިބޭ މައްސަލައަށް އިޝާރާތްކުރައްވާ ވިދާޅުވީ ހުޅުމާލެއިން ކުޑަ އަގެއްގައި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބިދޭސީން ގެނައުމަށް ކޯޓާ ފީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އާއި ގުޅޭގޮތުން ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުމާއި ގުޅޭގޮތުން ވިދާޅުވީ ކޯޓާ ފީއަށް ދެއްވެން އޮތް އެންމެ ލުއިގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.




