އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އައިޑީކާޑު ތަޢާރަފްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އެންމެ ފަހުގެ ނޫސްވެރިންނާ ހިއްސާކުރައްވާ ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކުގަ ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.
”މި ވަގުތަށް ބަލާއިރު ދެލައްކަ ހަތްދިހަ ދެހާސް، އުމުރުން 10 އަހަރަށް ވުރެ ގިނަ ދިވެހިން ވަނީ އަޅުގަނޑުމެންގެ ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ގެނެވިފަ. އެއީ ރާއްޖޭގެ އެ އާބާދީގެ 80 އިންސައްތަ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ޑިޖިޓަލް އައިޑީގެ ނިޒާމުގެ ތެރެއަށް މީހުން ވަންނަ ވަރު އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ވަން ގަވްގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒްވެއްޖެ ކަމަށެވެ.
ޑިޖިޓަލް އިގްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.




