ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި ކަމަށެވެ.
އަދި ގޯތިތަކުގެ ގުރުނެގުން ކުރިއަށް ގެންދާނީ ކަލާފާނު ސްކޫލު ހޯލުގައި ކަމަށާއި ގުރު ނަގާނީ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ މީހުންގެ ކުރިމަތީގައި މިނިސްޓްރީގެ މުވައްޒަފުން ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ގުރުނެގުން ކުރިއަށްދާވަގުތު ހޯލަށް ވަދެވޭނީ އެ ގޯއްޗެއް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެކަކަށް ކަމަށާއި ގުރުނެގުމަށް ދާއިރު އައިޑީކާޑް ގެންދަންޖެހޭނެ ކަމަށެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކާ ނިންމާ ގޯތި ދޫކުރުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.




