ހިޔާ ފްލެޓްގެ މެއިންޓަނަންސަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާ އުނިކޮށްދޭން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރައްވާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލް ހޯލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ފްލެޓްތަކުގެ ކުއްޔާއި ސަލާމަތީ ކަންކަން ހިމެނޭހެން ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން ހިޔާ ފްލެޓްތަކުގެ މިލްކުވެރިންނަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދިނުމަށް ވިދާޅުވިކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، އެކަން އެގޮތަށް ކުރުމަށް އެޗް.ޑީ.ސީއަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަށްޓަކަައި އެގްރީމަންޓަށް ގެންނަ ބަދަލާއެކު، 2 ލައްކަ ރުފިޔާ އުނިކުރުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެއްވާފައެވެ. އަދި ފައިސާ ޚަލާސް ނުކުރެވި ހުރި ފަރާތްތަކުގެ ތަފްސީލުތައް ލިބިވަޑައިގެންނެވިހާ އަވަހަށް، އެކަމުގައި ކުރިއަށް ދެވޭނެ ގޮތެއްވެސް ބައްލަވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެބކުލީގެ މައްސަލަތަކާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތައް ސީރިއަސްކަމާއެކު ބައްލަވާދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަހުން މަހަށް ފައިސާ ދައްކަންޖެހޭ މިންވަރު، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާ، ރައްޔިތުން އެދިވަޑައިގަތް ގޮތަށް، މަހުން މަހަށް ދައްކަންޖެހޭ މިންވަރާއި، އަގުގެ މައްސަލަވެސް ހައްލުކޮށްދެއްވޭތޯ ބައްލަވައިދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.



