އިސްލާމް މާއްދާއިން މިސްކިތްތަކުގައި ޓިއުޝަން ދިނުމާމެދު ޢާންމުންގެ ޚިޔާލު ހިއްސާކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މިގޮތަށް އެދިވަޑައިގަތީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
”އިސްލާމް މާއްދާގެ ، 8، 9، 10، 11، 12 ގްރޭޑް ތަކުގެ ފޮތްތައް މިސްކިތްތަކުގައި ހަފްތާއަކު ދެ ދުވަހު ދެ ނަމާދު ދޭތެރޭގައި މޮޅު އިލްމީ ޓީޗަރުން މެދުވެރިކޮށް ފްރީ ޓިއުޝަން ދެވޭނެ އިންތިޒާމުކޮށްފި ނަމަ ކިހިނެއްވާނެބާ؟“މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި ޙާޒިރުވާން ބޭނުން ކުއްޖަކަށް ހާޒިރުވެވޭނެ ކަމަށާއި އެ ވިސްނުން ހުށަހެޅުއްވީ އިސްލާމއ މާއްދާއާ މެދު ދެކެވޭ ވާހަކަތަކަށް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ވަނީ މިކަމާމެދު އާންމުންގެ ޚިޔާލަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
އެހެންކަމުން އާންމުންގެ ގިނަ ބަޔަކު ދަނީ މިނިސްޓަރު ޝަހީމްގެ އެ ޕޯސްޓަށް ކޮމެންޓުކޮށް އިތުރު ހިޔާލު ހިއްސާކުރަމުންނެވެ.



