ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ”ޑޮމެސްޓިކް ވަޔަލެންސް“ އަދި ”ޖެންޑަރ ބޭސްޑް ވަޔަލެންސް“ ޝެލްޓަރ ޑީ.ވީ/ޖީ.ބީ.ވީ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނިކޮށްފިއެވެ.
މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ކުރިއަށްގެންދިިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޑީ.ވީ/ޖީ.ބީ.ވީ ޝެލްޓަރ އިމާރާތް ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރަސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަަމަށެވެ.
އެގޮތުން ބީލަން ކުރިއަށްގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު“ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑުގެ “ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށާއި، މި ބީލަމުގައި ބައިވެރިވުމަށް ހުންނަން ޖެހޭކަމަށް އެ މިނިސްޓްރީން އާންމުކުރި ޝަރުތުތައް ފުރިހަމަވާންވާނެ ކަމަށެވެ.
މިގޮތުން ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 50 މިލިއަން ދިވެހި ރުފިޔާލިބިފައިވުމާއި ފާއިތުވި 5 އަހަރު ތެރޭގައި އެ ބާވަތުގެ 1 މަސައްކަތްކޮށްފައިވުން، އަދި މަސައްކަތުގެ އަގު މަދުވެގެން 19 މިލިއަން ދިވެހި ރުފިޔާ ކަމުގައިވާން ވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ އެ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.



