ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުން މިހާތަނަށް ފަސް ލައްކަ އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ ތާރީހީ ކުލަގަދަ ހަފްލާއަކާއެކު މި އަހަރުގެ ޖުލައި 26 ގައި ހުޅުވައި އެ ދުވަހުން ފެށިގެން ބޭނުންކުރަމުން އަންނަ އާ ޓާމިނަލުން 15 ޑިސެމްބަރު 2025 ގެ ނިޔަލަށް ރާއްޖެއިން ފުރި 252،340 ފަސިންޖަރުންނަށާއި ރާއްޖެ އައި 255،668 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއޭސީއެލުން ބުނި ގޮތުގައި، އާ ޓާމިނަލުން އެންމެ ގިނަ ފަސިންޖަރުންނަަށް ހިދުމަތް ދީފައި ވަނީ އިއްޔެކަމަށެވެ.
އެމްއޭސީއެލުން ބުނީ އިއްޔެ ވަނީ 19،551 ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައި ކަމަށާއި އޭގެ ތެރޭގައި ރާއްޖެއިން ފުރި 8،681 ފަސިންޖަރުންނާއި ރާއްޖެ އައި 10،870 ފަސިންޖަރުން ހިމެނޭ ކަމަށެވެ.
އާ ޓާމިނަލުން މިހާރު ދަނީ 37 އެއާލައިނަކަށް ހިދުމަތްދެމުންނެވެ.



