ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ރާއްޖޭގެ މޫސުމާބެހޭ ޚިދުމަތް (މެޓްމޯލްޑިވްސް) ގެ އާ އިމާރާތެއް އެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ރަސްމީކޮށް ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި އެއްބަސްވުމުގެ ދަށުން، އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި މެޓްމޯލްޑިވްސް އަށް ޚާއްސަ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރެވިފައި ވަނީ، ދިވެހިރާއްޖޭގެ މޫސުމާބެހޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އަދި މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ކުރިން އަންގަންޖެހޭ ކަންކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބައެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މިއީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މޯގެ އިތުރުން މިނިސްޓްރީން ބުނީ މި މަސައްކަތުގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާބެހޭ މައުލޫމާތު އިތުރަށް ސީދާކޮށް، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.



