ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން އުޅުމުގެ ތެރޭގައި ހަށިގަނޑު ތެރެއަށް ޑީސަލް ގޮސްގެން ފަރުވާ ދެމުން އައި ވެމްކޯގެ މުވައްޒަފުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ވެމްކޯ އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިހާރު އެ މުވައްޒަފުގެ ހާލު ރަނގަޅު ކަމަށާއި ވެންޓިލޭޓަރ އިން މިހާރު ނެގުމަށް ފަހު އޮބްޒާވޭޝަން އަށް ވޯޑަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އަދި ވޯޑުން ޖާގައެއް ލިބުނު ހާ އަވަހަކަށް ބަދަލު ކުރާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާކަމަށް ވެމްކޯއިން ހާމަކުރެއެވެ.
މި ހާދިސާ ހިނގުމަށްފަހު އެ މުވައްޒަފުގެ ހާލަތު ބެލުމަށް އެކަމުގެ ތަޖުރިބާ ހުރި ވެމްކޯގެ އެހެން މުވައްޒަފެއް އެސައިން ކުރެވި، ކޮންމެ ދުވަހެއްގެ 09:00 އިން 00:00 އަށް އޭނާގެ ހާލަތު ބެލުމުގައި ހަރަކާތްތެރިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
އަދި ފަރުވާ ދެމުން އަންނަ މުވައްޒަފުގެ އާއިލާ މާލެ ގެނެސް ހިނގާ ހުރިހާ ހަރަދެއް ކުންފުނިން ކަވަރު ކުރާ ކަމަށްވެސް ވެމްކޯ އިން ބުނެފައި ވެެއެވެ.
މީގެ އިތުރުން އާއިލާ އިން އެދޭ ކޮންމެ ކަމެއް އެ ކުންފުނީގެ ފަރާތުން ކޮށްދެމުން އަންނަ ކަމަށާއި ފަރުވާ ދިނުމުގައި ރާއްޖެއިން ނުލިބޭ ބޭސްތައް އެދުވަހުން އެދުވަހަށް ގެނެވޭނެ އިންތިޒާމް ހަމަޖައްސައި އެއްވެސް ދަތިކަމެއް ނެތި، ފަރުވާ ވީ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދެވޭނެ ގޮތް ހަދާފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަ ކުރެއެވެ.
އޮބްޒަވޭޝަނަށް ފަހު މުވައްޒަފު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް މުވައްޒަފު ނުވަތަ އެ ފަރާތުގެ އާއިލާއިން އިތުރު ފޮލޯއަޕަށް ރާއްޖެއިން ބޭރަށް ދާން ބޭނުންފުޅު ނަމަ އެ އެހީތެރިކަންވެސް ކުންފުނީގެ ފަރާތުން ދޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުޤީގެއް ވަނީ ފަށާފައެވެ. އަދި ކުރިއަށް އޮތްތާ މިފަދަ މައްސަލަތައް ވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށްވެސް ވެމްކޯ އިން ބުނެފައި ވެއެވެ.




