މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ހަތަރު މިލިއަން ހަތަރު ސަތޭކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީހް ވިދާޅުވެއްޖެއެވެ.
ފަސީހް މިހެން ވިދާޅުވީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަޞީހް ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 4437257.87 ރުފިޔާ ފުލުހުން މެދުވެރިވެގެން ނަގައިދީފައިވާ ކަމަށެވެ.
އަދި މިކަން ކޮށްފައިވަނީ އެކްސިޑެންޓުގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ވާހަކަދައްކައި އެއްބަސްވެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ފަޞީހް ވިދާޅުވިއެވެ.
މާލެ އަދި ބުރިޖް ހައިވޭ ހިމެނޭހެން މި އަހަރުގެ މިހާތަނަށް 2217 މައްސަލައެއް ހުށަހެޅި މިހާތަނަށް 2327 މައްސަލަ ނިންމާފައިވާ ކަމަށްވެސް ފަސީހް ވިދާޅުވިއެވެ.
”ބުރިޖު ހައިވޭގައި ހިނގި އެކުސިޑެންޓް މައްސަލަތަކުގެ އަދަދަކީ 355. ނިންމުނު މައްސަލަތަކުގެ ތެރެއިން، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 4437257.87 ރުފިޔާ ޓްރެފިކް ފުލުހުން މެދުވެރިވެގެން ވަނީ ނަގާދެވިފައި.މިއީ ފާއިތުވެ ދިޔަ އަހަރާ އަޅައިބަލާއިރު 76.09 އިންސައްތައިގެ އިތުރުވުމެއް.“ ފަޞީހް ވިދާޅުވިއެވެ.
އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 270 މައްސަލައެއްގައި އިންޝުއަރެންސް ރިޕޯޓު ދޫކުރެވިފައިވާ ކަމަށް ވެސް ފަޞީހް ވިދާޅުވިއެވެ.
ފަސީހް ވިދާޅުވީ ބުރިޖު އަދި ހައިވޭގައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދީ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ޑިއުޓީކުރުމާއި ލައިޓް ގާއިމުކުރެވިފައިވާ 2 ސަރަހައްދުގައި ގިނަ ބަޔަކަށް ފަސޭހަ ކުރުމަށް ލައިޓް މެނޫވަލްކޮށް ކުރިއަށްގެންދިއުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފުލުހުން ކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެހެންމެ ދަރިވަރުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މާލޭގެ 20 ސްކޫލުގައި ދުވާލަކު 141 ފަހަރު ޓްރެފިކު ފުލުހުން ޑިއުޓީ ގާއިމުކޮށް މަގަށް އެ ވަގުތަކަށް ގެންނަންޖެހުނު ކޮންމެ ބަދަލެއް ގެނެސް މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ފަސީހް ވިދާޅުވިއެވެ.



