އެޑިޔުކޭޝަން މިނިސްޓްރީގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި ޙަރަކާތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ.
އަދި އެ މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ބައިވެރިވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ތިމާވެއްޓަށް ހޭލުންތެރިކުރުވުމާއި، ސަރުކާރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ ”5 މިލިއަން ގަސް އިންދުމުގެ“ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ޙަރަކާތެއް ކަމަށެވެ.
މި ޙަރަކާތުގައި ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދުގައާއި، ޝަހީދު ޢަލީ ސްކޫލްގައި 100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.
މީގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުން ވެސް މި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވިއެވެ.



