އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ގަރާޖު ޕާމިޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް ބަދަލުކޮށްފައިވާ ކަމަށެވެ.
ގަރާޖާ ގުޅިގެން މިހާތަނަށް އައީ ތިން ލިޔުމެއް ހުށަހަޅަމުންނެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދައާއި މާލޭ ސިޓީ ކައުންސިލުން ނުވަތަ އެޗްޑީސީން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދައާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން މިހާތަނަށް އައީ ހުށަހަޅަމުންނެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިހާތަނަށް އެ ތިން ލިޔުން ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުށަހަޅަން ޖެހޭނީ އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އާއި ގަރާޖު ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން ކަމަށް އެކަނި ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ބަދަލު ގެނެސްފައިވަނީ ގަރާޖާ ގުޅޭގޮތުން ވަކި ދެ އިދާރާއަކުން ދެ ހުއްދަ ނަގަންޖެހި އަދި އެއް ހިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ ފަސޭހަ ކުރުމަށް ކަމަށެވެ.
ހަމައެހެންމެ 2009 ވަނަ އަހަރުން ފެށިގެން ގަރާޖު ލާޒިމް ކުރުމުގެ ކުރިން ގެނެސްފައިވާ އުޅަނދުތަކާއި ވަކި ގަރާޖަކަށް ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވޭތީ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އަދި މިހާރު މާލެ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ އެފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ނެތި ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.



