ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގެ އެކި ސަރަހައްދަކުން 42.15 ޓަނުގެ ކުނި ނަގާ ސާފުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ 42.15 ޓަނުގެ ކުނި ނަގާފައި ވަނީ އެ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހިންގާ ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ.
އަދި މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ ސާފުތާހިރުކޮށް ބެހެއްޓުމާއި މަގުތައް ހިތްފަސޭހަ ކުރުމުގެ މަޤްސަދުގައި ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި އޮޕަރޭޝަންގައި ކުނި ނަގާ ސާފުކޮށްފައިވާ، މާލޭގެ ފަސް ގެ އެއް ހިމެނޭ ކަމަށާއި
އެގޮތުން އެ ފަސް ގެއިން ޖުމްލަ 17.85 ޓަނުގެ ކުނި ވަނީ ނަގާފައި ކަމަށެވެ.
އެ ގެ ތަކުގެ ތެރޭގައި ހިމެނެނީ މ. ކެލިފޯނިޔާ އިން 4.2 ޓަނު ކުންޏާއި، ހ. މައިނާގެ އިން 5.25 ޓަނުގެ ކުންޏާއި، ގ. ރަބީޢުވިލާ އިން 7.35 ޓަނުނުގެ ކުންޏާއި، މ. ޕެންޒީ ގާރޑެން އިން 0.35 ޓަނުގެ ކުނީގެ އިތުރުން ގ. ހާމަގެ އިން 0.7 ޓަނުގެ ކުނި ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
އެ އޮޕަރޭޝަންގައި މީގެ ކުރިން ވެސް މާލޭގެ ތިން ސަރަހައްދަކުން ވަނީ ކުނިނަގާ ސާފުކޮށްފައެވެ. އެއީ ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓް މަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރި ފަރާތްތައް ހުއްޓުވައި، އެތަން ސާފުކޮށް ނެގި ކުންޏާއި އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއް ކަމަށްވާ އާބުރުޒު މަގު ފުއްކަފަ ގޯޅި ކަންމަތިން ނެގި ކުނި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މާލެ ސިޓީގެ ކޮންމެ މަގެއްވެސް ހިތް ފަސޭހަ ކަމާއެކު އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެކެވެ.
މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހި، އެއީ ރައްޔިތުންނަށް ދިމާވާ ބޮޑު މައްސަލައެއް ކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއީ މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ.



