”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގ މަސައްކަތްތައް ކުރުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ”މާސް ލީގަލައިޒޭޝަން ޕްރޮގްރާމް“ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގ މަސައްކަތްތައް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ހޯމް މިނިސްޓްރީން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން މި ޢިއުލާނުގައި އެޓޭޗްކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް މިނިސްޓްރީން ކުރިން ކުރި އިއުލާނުގައި އެދިފައި ވެއެވެ.
އަދި މި އެކުލަވާލެވޭ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް މިނިސްޓްެރީން ހަމަޖައްސައިދޭނެ ކަމަށް ބުނެފައި ވެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 1485 ގުޅާ ނުވަތަ xpat@mohst.gov.mvއަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.


